ތާރީޚީގޮތުން ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާ
ދިވެހިރާއްޖެއަކީ މިނިވަންކަމުގައި ހަތަރު ހާސް އަހަރުވީ ޤައުމެކެވެ. ދިވެހި ދައުލަތަކީ ޢީސާއީ ސަނަތުން 2500 އަހަރު ކުރިއްސުރެ އަމިއްލަ ވެރިކަމެއް ކުރަމުން އައި ޒަމާންވީ ދައުލަތެކެވެ. ދައުލަތަކީ ބެލެހެއްޓުންތެރިކަމުގެ ނިޒާމަށް ކިޔޭ ނަމެކެވެ. ދިވެހި ދައުލަތް އުފެދުނީއްސުރެ މި ދައުލަތުގެ ދެ އަސާސްކަމުގައިވާ ދިވެހިރައްޔިތުންނާއި ދިވެހިރާއްޖެ ބަލަހައްޓާނެ ބަޔަކު ތިބޭނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އެ ބައެއްގެ ކަންތައްތައް ބަލަހައްޓާނެ ގޮތެއް ނެތިއެއް ނުދާނެއެވެ. މިގޮތުން ބަލާއިރު ދިވެހިރައްޔިތުންނާއި ދިވެހިރާއްޖެ ބަލަހައްޓަމުން ގެންގޮސްފައިވަނީ އެކި ދުވަސްވަރު އެކި ނަން ކިޔާފައިވިޔަސް މިއަދުގެ ސިފައިންނެވެ. ނުވަތަ ދިވެހިރާއްޖޭގެ ފަޚުރުވެރި އަސްކަރިއްޔާއިންނެވެ. ސިފައިންނާއި އަސްކަރިއްޔާގެ ކަންތައްތައް ބަލަހައްޓަމުން އައިސްފައިވަނީ އެކި ޒަމާނުގައި އެކި ނަންނަން ކިޔެމުންއައި މިއަދުގެ ދިފާޢީ ވުޒާރާއިންނެވެ.
ދިވެހިރާއްޖޭގައި ވެރިކަންކުރާ ނިޒާމެއްގެ ގޮތުގައި ރަސްކަން އޮތް ޒަމާނުގައި ވެސް ދިވެހި ދައުލަތް ހިންގަމުން އައީ ވަރަށް ހަރުދަނާ އުސޫލުތަކަކާއި ތަރުތީބުތަކެއްގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ދިފާޢީ ކަންތައްތަކުގެ އެންމެ އިސް ވެރިއަކަށް އަބަދުވެސް ހުންނަވަނީ އެއިރެއްގައި ހުންނަވާ ދައުލަތުގެ އެންމެ އިސްވެރިޔެކެވެ. އެ ބޭފުޅެއްގެ އިރުޝާދާއި ލަފާފުޅާ އެއްގޮތަށް ދިވެހި ލަޝްކަރުގެ ކަންތައްތައް ބަލަހައްޓަވަން އިސް ބޭފުޅެއް ހުންނަވައެވެ. ވަޒީރުންގެ ގޮތުގައި އިހުގައި ރަސްކަމުގެ ކަންތައް ހިންގަވަން ތިއްބެވި ފަސް ވަޒީރުން ނުވަތަ ފަންސަފުރަދާނައިން ތިއްބެވި ޒަމާނުގައި އެއީ ދޮށިމޭނާކިލެގެފާނެވެ. ނުވަތަ ދޮށިމޭނާ ވަޒީރެވެ. އެ ޒަމާނަކީ ދައުލަތާއި ސަރުކާރު ހިންގެވުމުގައި އިސްކޮށް ތިއްބަވާ ވަޒީރުންނަށް ޚާއްޞަ ވުޒާރާއެއް، މަހުކަމާއެއް ނުވަތަ އޮފީހެއް ހުންނަ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން، އޭރަކު ކީރިތި މަހާރަދުންނާއި ދިވެހި އަސްކަރިއްޔާއާ ގުޅުވައިދޭނެ އިތުރު އޮފީހެއް ނުހުރެއެވެ.
ދިވެހިރާއްޖޭގައި 1932 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 22 ވަނަ ދުވަހު އަލަށް ހިންގަވަން ފެއްޓެވި ޤާނޫނު އަސާސީ އާއެކު ވަޒީރުންގެ މަޖިލިސް އުފެއްދެވިއެވެ. އެއީ ހިޖުރީ ސަނަތުން 17 ޝަޢުބާން 1351 ގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވާލެއްވި ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވީ ދިވެހިރާއްޖޭގައި ފުރަތަމަ އެކުލަވާލެއްވި ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ ތެރެއިންނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލިހުގައި ވަޒީރުލްއަޢުޡަމްގެ މަޤާމާއި ވަޒީރުލް ޢަސްކަރިއްޔާގެ މަޤާމަށް އިސްކުރެއްވީ އަލްއަމީރު މުޙައްމަދު ފަރީދު ދީދީއެވެ.
ރާއްޖޭގައި ދުސްތޫރީ ޙުކޫމަތެއް އިޢުލާންކުރެވުމާއެކު ވުޒާރާތަކާއި ވަޒީރުންގެ މަޤާމުގެ ނަންތައް ޢަރަބި ނަންތަކަކަށް ބަދަލުވެގެން ދިޔައެވެ. މިގޮތުން ފުރަތަމަ އޮތީ "ވުޒާރަތުލް ޢަސްކަރިއްޔާ" އެވެ. އެއަށްފަހު "މަޙުކަމަތުލް ޢަސްކަރިއްޔާ" އެވެ. އެއަށްފަހު "މަޙުކަމަތުލް އަމަންޢާންމު" އެވެ. ދިވެހިރާއްޖޭގައި 1968 ނޮވެންބަރު 11 ވަނަ ދުވަހު އުފެއްދެވި ދެވަނަ ޖުމްހޫރިއްޔާއާއެކު ސަރުކާރުގެ ވުޒާރާތަކާއި ވަޒީރުންގެ މަޤާމުގެ ނަންތައް އިނގިރޭސި ނަންތަކަކަށް ބަދަލުކުރެއްވިއިރު ދިފާޢީ ވުޒާރާގެ ނަން ބަދަލުކުރެއްވީ "މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ" އަށެވެ. އޭގެފަހުން 1982 ނޮވެންބަރު 11 ވަނަ ދުވަހު "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ" އަށް ދިފާޢީ ވުޒާރާގެ ނަން ބަދަލުކުރެއްވިއެވެ. އަދި 2018 ނޮވެންބަރު 17 ވަނަ ދުވަހު "މިނިސްޓްރީ އޮފް ޑިފެންސް" ގެ ނަމަށް ބަދަލުކުރެއްވިއެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ ނަމާއެކު ދިވެހިބަހުން ރަސްމީކޮށް ކިޔާނެ ނަމެއްގެ ގޮތުގައި "ދިފާޢީ ވުޒާރާ" ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކުގައި 2023 ނޮވެންބަރު 17 ވަނަ ދުވަހުއެވެ.
ދިފާޢީ ވުޒާރާގެ ދައުރާއި ފާހަގަކުރެވޭ ޚާއްޞަ ބައެއް ކަންކަން
ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން 1932 ވަނަ އަހަރު ދިވެހިރާއްޖޭގެ އަސްކަރީ ކަންތައްތައް ބެލެހެއްޓެވުމަށް އުފެއްދެވި ޢަސްކަރިއްޔާ" އަކީ އަމަން ބެލެހެއްޓުމުގެ މަސައްކަތާގުޅޭ އެންމެހާ ކަންތައްތައް ބަލަހައްޓާ މަޙްކަމާއެވެ. ވުޒާރަތުލް ޢަސްކަރިއްޔާގެ މަޙުކަމާ ނުވަތަ މަޙްކަމަތުލް ޢަސްކަރިއްޔާ ނުވަތަ މަޙްކަމަތުލް އަމަންޢާންމު ނުވަތަ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ ނުވަތަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ނުވަތަ މިނިސްޓްރީ އޮފް ޑިފެންސް ނުވަތަ ދިފާޢީ ވުޒާރާ މިއިން ކޮންމެ ނަމެއްގައި ދިފާޢީ ވުޒާރާ ހިނގަމުންއައި ކަމުގައިވިޔަސް ވުޒާރާގެ
މައިގަނޑު މަސްއޫލިއްޔަތެއްގެ ގޮތުގައި އޮތީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ދިވެހި ދައުލަތުގެ ދިފާޢީ ކަންތައްތަކާގުޅޭ މަސައްކަތްތަކެވެ.
އެންމެ ފުރަތަމަ މަޙުކަމާ އުފެދިގެން ދިޔައިރު މައިގަނޑު މަސްއޫލިއްތެއްގެ ގޮތުގައި އޮތީ ކީރިތި މަހާރަދުންނަށް ޢިއްޒަތް އަރުވައި ދައުލަތުގެ ޢިއްޒަތް ދަމަހައްޓައި، ރަދުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން ސިފައިންނަށް އަންގަންޖެހޭ އެންގުންތައް އެންގުމެވެ. ސިފައިންގެ ވެރިޔާ ނުވަތަ ކީރިތި މަހާރަދުންގެ އެންގެވުމުގެމަތިން ސިފައިންގެ އިސް މަޤާމުތަކަށް ބޭފުޅުން ހަމަޖައްސަވައި އަދި އިސްމަޤާމުތަކުން ބޭފުޅުން ވަކިކުރައްވައި ސިފައިން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމުގެ ކަންތައްތައް ވެސް ކުރިއަށް ގެންދިއުމެވެ. މީގެއިތުރުން ސިފައިންނަށް ދެވޭ ޢިނާޔަތްތަކާއި މަޤާމުގެ ކުރިއެރުމާއި، ސިފައިންގެ ކަންކަމަށް ބަދަލުގެންނަވައި ސިފައިންގެ ތެރޭގައި ބެހިފައިވާ ބައިތަކަށް ވެރިން އިސްކުރަމުން ގެންދިއުމެވެ. ސިފައިން އެކިއެކި ކަންތައްތަކުގައި ސަރުކާރުގެ އޮފީސްތަކަށާއި އިދާރާތަކަށާއި ވުޒާރާތަކަށް ސިޓީ ފޮނުވާނަމަ އެ ސިޓީ ފުރަތަމަ ހުށަހަޅަން ޖެހެނީ އަމަންޢާންމަށެވެ. އަދި ސިފައިންނަށް ޗުއްޓީ ދެއްވުމުގެ ހުރިހާކަމެއް ވެސް ހަމަޖައްސަވަމުން ގެންދަވަނީ އެދުވަސްވަރު އެ މަޙުކަމާ އިންނެވެ.
ރާއްޖެއަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގައި ޚާއްޞަ މަސައްކަތްތައް ކުރުމަށް މަޙްކަމަތުލް އަމަންޢާންމުން ސިފައިންނަށް އަންގަވައެވެ. އަދި އެހެނިހެން މަޙްކަމާތަކުން ސިފައިންގެ އެހީތެރިކަން ބޭނުންވުމުން އެ ކަމަށް އެދެމުންދަނީ ވެސް މަޙްކަމަތުލް އަމަންޢާންމުގައެވެ. މިގޮތުން 1934 ވަނަ އަހަރު އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު (3ވަނަ) ރަސްކަމުން ޢަޛުލު ކުރެވުނު ފައްތަރުމަތީގައި އަމަންޢާންމުން ސިފައިންނަށް މާލޭގެ އަމަން ބެލެހެއްޓުމަށް އެންގެވުމާއި އެ އެންގެވުމުގެމަތިން ސިފައިން އެކަމުގައި ހަރަކާތްތެރިވި ހަރަކާތްތެރިވުން ފާހަގަ ކުރެވެއެވެ. އަދި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މަތިންދާ ބޯޓެއް މާލެމަތިން ދަތުރުކުރާނަމަ ނުވަތަ ބޭރުކަނޑުން ރޭގަނޑު އައްޔެއް ފެނިއްޖެނަމަ ބަރުގޮނު ފުމެ، ރަށުތެރެ އަމާންކުރުމަށް ވުޒާރަތުއް ދާޚިލިއްޔާއިން، މަޙްކަމަތުލް އަމަންޢާންމަށް އެންގެވުމާ ގުޅިގެން، އެކަންތައްތައް އެގޮތަށް ކުރުމަށް އަމަންޢާންމުން ސިފައިންނަށް އަންގަވައިގެން އެކަންތައްތައް ވެސް ސިފައިން ކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެ ހަނގުރާމައިގާ ޙަރަކާތްތެރިވާ މަތިންދާ ބޯޓްތައް ދިވެހިރާއްޖޭގެ ސަރަހައްދު މަތިން އުދުހޭތީ، ދިވެހި ރައްޔިތުންނާއި ޤައުމުގެ ސަލާމަތަށް މަޙްކަމަތުލް އަމަންޢާންމުން ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. މިގޮތުން ރޭގަނޑު ވަގުތެއްގައި މަތިންދާ ބޯޓެއްގެ އަޑު އިވިއްޖެނަމަ، އެއްވެސް އައްޔެއް ގެއިން ބޭރަށް ނުނެރުމަށާއި، ކަނޑުމަތިން ގޮތް ނޭގޭ އެއްޗެއް ފެނިއްޖެނަމަ އެއާއި ގާތް ނުވުމަށާއި، ރާއްޖޭގެ ރަށަކަށް ގޮތްނޭގޭ އެއްޗެއް ލައްވެއްޖެނަމަ، އެއެއްޗެއްގައި އަތްނުލައި މަހުކަމަތުން އަމަން އާންމަށް އެންގެވުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މެސެޖްގެ ޒަރީޢާއިން އަންގަވާފައި ވެއެވެ.
ޒަމާނަށްއައި ބަދަލުތަކާއެކު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަސްއޫލިއްޔަތުތައް ލިޔުމުން ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން، ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ޙިމާޔަތްކުރުމާއި އެފަދަ ކަމެއް މީހަކު ނުވަތަ ބަޔަކު ކުރާނަމަ އެކަމެއް މަނާކޮށް ވަގުތުން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ އާކިޕެލެޖިކަލް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު ދިފާޢުކޮށް، ޙިމާޔަތްކުރުމާއި މިކަންކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި، ދިވެހި ސަރުކާރަށް އެހީތެރިވުން ހިމެނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދާއި އެ ސަރަހައްދުގައިވާ ޤުދުރަތީ ވަސީލަތްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި އެއްވެސް ބަޔަކު ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާކަން ނުވަތަ އެނޫންވެސް، ރާއްޖޭގެ ޤާނޫނާ ޚިލާފުކަމެއް ކުރާކަން އެނގިއްޖެނަމަ، އެކަމެއް ބަލައި އެކަމެއް މަނާކޮށް، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދާއި އަދި ސިޔާސީ ސަރަހައްދުގެ އެއްގަމާއި، ކަނޑާއި ވައިގެ ތެރެއިން، ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި، މަތިންދާ ބޯޓުފަހަރު ދަތުރުކުރުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކަމެއް ބަލައި، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވެސް ހިމެނެއެވެ. އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ނުރައްކަލުން، ރައްޔިތުންނާއި އެމީހުންގެ މުދާ ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރާއްޖެއަށް ދިމާވާ ޤުދްރަތީ އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަދި އެފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެކަން އާންމު ހާލަތަކަށް ގެނައުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުން ވެސް ޑިފެންސް މިނިސްޓްރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް ތަޞްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުމާއި، ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ
ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުމާއި، ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކަށް އަންނަ އަދި ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ ތަކެއްޗާއި، އަންނަ އަދި ފުރާ މީހުންނާއި، ބަނދަރު ހިމެނޭ ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުންނާއި، ވެއްދޭ އަދި ނެރެވޭ ތަކެތި ބެލުމާއި މިފަދަ ކަންކަން ބެލެހެއްޓުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ދިފާޢާއި، ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާއަށް ލަފާދީ، އެހީތެރިވުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް، ރާއްޖޭގެ ސިޔާދަތާއި ޤައުމީ ސަލާމަތަށް އަދި ޤާނޫނީ ވެރިކަމަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢްލޫމާތު އެއްކޮށް ދިރާސާކޮށް، އެކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް ދިފާޢީ ވުޒާރާގެ މަސްއޫލިއްޔަތެކެވެ. އަދި ޤައުމީ މަޞްލަޙަތާއި އަދި އަމަންޢާންމަށް ގެއްލުމެއްވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމާއި ދިފާޢީ ވުޒާރާގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަކީ ވެސް މި ވުޒާރާގެ މަސްއޫލިއްޔަތެކެވެ.