ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބްލް ޙަސަން ރަޝީދު، ސަޢޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރ، ޕްރިންސް ޚާލިދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދުއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވީ، ސަޢޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރގެ ދަޢުވަތަކަށް ސަޢޫދީ އަރަބިއްޔާއަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ސަޢޫދީ ސަރުކާރުން ހަމަޖައްސާވަފައިވާ މި ދަތުރުފުޅުގެ އިންތިޒާމްތަކުގެ ފުރިހަމަކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ސަޢޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރަށް، ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުންތަކާއި، އިސްތިރާޖީ ގުޅުންތައް ހަރުދަނާކުރުމުގެ އިތުރުން، ދިފާޢީ ދާއިރާއިން އެއްބާރުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.
އަދި ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން އެގޮތުގައި ދަމަހައްޓަވައި، އެހީތެރިކަން އިތުރުކުރައްވާނޭ ކަމުގެ ޔަޤީންކަން ވެސް ސަޢޫދީ ޑިފެންސް މިނިސްޓަރ މި ބައްދަލުވުމުގައި ދެއްވިއެވެ.
މީގެއިތުރުން، ސަރަޙައްދީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.