ދިފާއީ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
ދިވެހި ވަޠަނީ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ. މި ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު، ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނާއި، ސަރުކާރުގެ ވަޒީރުންނާއި، ދަޢުލަތުގެ އިސް ވެރިންނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ބޭއްވި މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަޑައިގެންނެވުމުން، އެރައިވަލް ކޯލް ކުޅެ، ސިފައިންގެ އޮަނަރގާޑެއް އަރުވާފައިވެއެވެ.
ގައުމީ ސަލާމަށް ފަހު ފެށިގެން ދިޔަ ރަސްމިއްޔާތުގައި، ދިވެހި ވަޠަނީ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކުރުމުގެ ގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަތްޕުޅަށް ހަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، އޮަނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ދިދަ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާ ހަވާލުކޮށްދެއްވިއެވެ. އަދި، ދިވެހި ވަޠަނީ ޚިދުމަތް ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ދިދަބިސީން ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ، "ރިވާލޭ" ކޯލާ އެކު ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ވަނީ ނަގާފައެވެ.
މި ރަސްމިއްޔާތުގައި، ދިވެހި ވަޠަނީ ޚިދުމަތާ ބެހޭގޮތުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފައެވެ. އަދި، ވީޑިއޯ ޕްރެޒެންޓޭޝަނަށް ފަހު ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނަށާއި ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. މުދައްރިބުންނަށް ވައުދު ލައިދެއްވީ އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ. އެއަށްފަހު، ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ އަދި ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރޭނިންގގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދެެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
2024 ނޮވެންބަރު 3ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި ނޭޝަނަލް ސަރވިސް ޕްރޮގްރާމް، ދިވެހި ވަޠަނީ ޚިދުމަތުގެ ނަމުގައި މިއަދު ރަސްމީކޮށް އިފުތިތާހުކުރެވުމަކީ، ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.
މިއަދު އިފުތިތާހުކުރެވިގެން ދިޔަ ދިވެހި ވަޠަނީ ޚިދުމަތުގެ ސަބަބުން، ދިވެހި ޒުވާނުންނަށް، އެމީހުންގެ އަމިއްލަ ނަފުސު ތަރައްޤީކޮށް، ހުނަރާއި ޤާބިލުކަމުގެ ރޮނގުން ސިކުނޑިއާއި ނަފުސު އިތުރަށް ފުރިހަމަކުރުމުގެ ފުރުޞަތު ފަހިވެގެންދިޔުމުގެ އިތުރުން، ވަޒީފާގެ ބާޒާރުގައި ޙަރަކާތްތެރިވާ އާބާދީގެ ރޭޓް އިތުރުވެ، އުފެއްދުންތެރި ޒުވާނުންގެ އާބާދީ މަތިކުރުމަށް މަގުފަހިވެގެންދާނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތުގެ ތެރެއިން މިއަދު ފެށި "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" އަކީ ތިންމަސް ދުވަހުގެ ތަމްރީނެކެވެ. މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމް، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ޚިދުމަތަކީ، ކުރިމަގުގައި އިތުރަށް ފުޅާކުރެވޭނެ ޙަރަކާތަކަށް ވާއިރު، ނެޝަނަލް ސަރވިސްއަށް ޚާއްޞަ ޤާނޫނެއް ވަރަށް އަވަހަށް ތަޢާރަފުކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި، މިހާރު ރޭވިފައިވާ ގޮތުން، 2026ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުގެ ގުނަވަނެއްގެ ގޮތުގައި ފަންނީ ތަމްރީނު އިފުތިތާހުކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން، އެ ފަރާތްތަކުގެ ޝައުޤާއި، ކޯސްތަކުގެ ޖާގަ ހުރި މިންވަރަށް ބިނާކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުން އެ ބައިވެރިންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ނިންމަވާފައެވެ.