ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށްޓަވާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތުގެ 03 ވަނަ ބެޗް، ތަމްރީނުތައް ފުރިހަމަކުރުމަށް އިއްޔެ ފުރައިފިއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 03 ވަނަ ބެޗުގައި ބައިވެރިވާ ދަރިވަރުންނަކީ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި 1785 ޒުވާނުންގެ ތެރެއިން ހޮވުނު ފުރަތަމަ 352 ދަރިވަރުންނެވެ.
ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ 03 ވަނަ ބެޗުގައި 115 ރަށަކަށް ނިސްބަތްވާ، 288 ފިރިހެން އަދި 64 އަންހެން ދަރިވަރުން ހިމެނެއެވެ.
ޅ.މާފިލާފުށިގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން ތަމްރީނު ދެވޭނެއެވެ.