އަލިފާނުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ލިބިގެންދާނެ: ޑިފެންސް މިނިސްޓަރ

އަންނަ މާޗު މަހުގެ ތެރޭގައި އަލިފާނުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ އެހީއާއެކު ލިބިގެންދާނެ ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، 8.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމުގައިވާ، ސ.ހުޅުމީދޫގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޚިދުމަތް ދިނުމަށް ހަދާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ކޯސްޓްގާޑު ބިލްޑިންގ ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޑިފެންސް މިނިސްޓަރ ވިދާޅުވީ، ޖަޕާންގެ އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ އެހީއާއެކު އަލިފާނުން ލިބޭ ގެއްލުން ކުޑަކުރުމަށް ޓަކައި ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ 74 ޕަންޕާއި، ފޯކްލިފްޓާއި، ލައިފް ބޯޓު އަދި ޖަނަރޭޓަރުފަދަ ގިނަ އަދަދެއްގެ ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ފުރަތަމަ ޝިޕްމަންޓް އިރާދަކުރެއްވިއްޔާ މާޗް މަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ވަސީލަތްތައް ލިބިގެން ދިޔުމުން މިހާރަށްވުރެ ބޮޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައި ހުރި ސިފައިންގެ ކޮމާންޑް ސެންޓަރުތަކުން ކުރެވެމުންދާ މަސައްކަތް އިތުރަށް ހަރުދަނާވެ، އަދި މީގެ ބައެއް ވަސީލަތްތައް ބައެއް ރަށްރަށަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަން ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، މި ވަސީލަތްތަކުގެ ސަބަބުން، ކުރިއަށްއޮތް ތަނުގައި މިހާރަށްވުރެ އަވަހަށް އަދި މިހާރަށްވުރެ ފަސޭހައިން އަތޮޅުގެ އެކި ރަށްރަށުގައިވެސް ޚިދުމަތް ދެވޭނެ ފުރުޞަތު އިތުރަށް ފަހިވެގެންދާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އަތޮޅުގެ ހުރިހާ ރަށްތަކެއްގައިވެސް މިފަދަ ޚިދުމަތްތަކެއް ފަހިވެގެންދާނެ ފުރުޞަތު ހޯދައިދިނުން ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.