ދަތުރު ފަތުރުކުރާ އުޅަނދުތަކާއި މުދާއުފުލާ އުޅަނދުތަކުގައި އަލިފާނުގެ ނުރައްކާތެރި ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ހުރިހާ އުޅަނދުތައް މިއަހަރުގެ ތެރޭގައި ސިފައިން ޗެކްކޮށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

ދަތުރު ފަތުރުކުރާ އުޅަނދުތަކާއި މުދާއުފުލާ އުޅަނދުތަކުގައި އަލިފާނުގެ ނުރައްކާތެރި ޙާދިސާތަކުން ލިބިދާނެގެއްލުން ކުޑަކުރުމަށް ހުރިހާ އުޅަނދުތައް މިއަހަރުގެތެރޭގައި ސިފައިން ޗެކްކޮށް، ދަތުރުފަތުރުކުރާ އުޅަނދުތަކާއި މުދާއުފުލާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނެކަމުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމްކުރުމާ ބެހޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުގެ ޑްރާފްޓާ ބެހޭގޮތުން މަޝްވަރާކުރުމަށް، ޑިފެންސް މިނިސްޓްރީން އިންތިޒާމުކޮށްގެން ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުން ބައިވެރިވާ މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

 

މި ރަސްމިއްޔާތުގައި  ވާހަކަފުޅު ދައްކަވަމުން، މީހުން ދަތުރުކުރުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު ފަހަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ބެލެވޭ ކޮންމެ ހާލަތެއްގައި އެކަމަށް އެކަށީގެންވާ އިޖާބައެއް ދެވޭ ވަރުގެ ޤާބިލުކަން އެ އުޅަނދުފަހަރުގައި ހުރިތޯ ބަލާ ފާކުރުމަށް ހަމަޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެކަށީގެންވާ އިޖާބައެއް ދެވޭ ވަރުގެ ޤާބިލުކަން ނެތްކަމަށްވާނަމަ އެކަންކަން ރަނގަޅުކުރުމަށްޓަކައި ދޭން ޖެހޭ ލަފަޔާއި އިރުޝާދު ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

 

ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުން ބައިވެރިވެގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ، ރާއްޖޭގައި ޚާއްޞަކޮށް މާލޭގައި ހިނގާފައިހުރި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގެ ތަޖުރިބާއަށް ބަލައި، އެފަދަ ހާދިސާތަކަށް އެދެވޭ ގޮތެއްގައި އިޖާބަ ދެވިފައިހުރި މިންވަރު ދެނެގަނެ، އަދި ކުރިއަށްއޮތް ތަނުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްކުރުމަށް ކުރެވިދާނެ ނުވަތަ މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރާނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު އިން މިހާރު އެކުލަވާލާފައިވާ "އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމް ކުރުމާ ބެހޭ ޤަވާޢިދު" ގެ ކަރުދާހާ ބެހޭގޮތުންނެވެ. މިގޮތުން އެކުލަވާލާފައިވާ މި ޤަވާއިދު ނިސްބަތްވަނީ ރާއްޖޭގެ ހޮޓެލް އާއި ހޮސްޓެލް ތަކާއި، ފިހާރަ އާއި، ރެސްޓޯރެންޓް އަދި ކެފޭ ބަދިގެފަދަ ތަންތަނާއި، އިންޑަސްޓްރިއަލް ތަންތަނުގެ އިތުރުން ގުދަން އަދި ވެއަރ ހައުސްފަދަ ތަންތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގުން މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ.