މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯސް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިރޭ ސަލްޓަން ޕާކްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، ޤާނޫނުގެ ބާރު ނަގަހައްޓާ ދެމެހެއްޓުމުގައި، ފުލުހުންނަކީ "އޯވަރ އެންޑް އެބަވް އެވްރިވަން އޭލްސް" ނުވަތަ އެހެން އެންމެނަށް ވުރެ މަތީ ދަރަޖައެއްގައި، "އެތިކްސް" ނުވަތަ ސުލޫކީ މިންގަނޑު ގެންގުޅެންޖެހޭ ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންނަކީ ޤައުމީ ވާޖިބު އަދާކުރުމުގައި، ޤާނޫނު އަސާސީއަކީ އަތްމަތީ ފޮތް ކަމުގައި ދެކޭ، ޤާނޫނަށް އަހުލުވެރި، ފަރިތަ ބައެއް ކަމުގައި ވާންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފުލުހުންނަކީވެސް ރައްޔިތުންގެ ޚާދިމުންކަން ދަނެގެން، ކޮންމެ މަރުޙަލާއެއްގައިވެސް ރައްޔިތުންނާ ވީހާވެސް ގުޅިގެން މަސައްކަތްކުރުމަށް ހަނދާންކޮށްދެއްވަމުން، މިނިސްޓަރ ވިދާޅުވީ ކުށުގެ ވެށީގައި ޙަރަކާތްތެރިވާއިރު، ފަރުދީ ޙައްޤުތަކާއި ޖަމާޢަތުގެ ޙައްޤުތައް "ބެލެންސް" ކުރުމަށް ފުލުހުން ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. މިގޮތުން، ކުށްކުރާ މީހާގެ ޙައްޤުތައްވެސް ވާ ފަދައިން، ޖަމާޢަތުގެ އާންމު މަޞްލަޙަތަށާއި ޙައްޤުތަކަށްވެސް ބަލަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭ، ދާޚިލީ ޞުލްޙަ މަސަލަސްކަމާއި އަމާންކަން ޤާއިމްކުރުމުގައި، ފުލުހުންގެ ބުރަ އަދި ހަރުދަނާ މަސައްކަތުން، ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ފާހަގަކުރައްވާ، އެކަމަކަށްޓަކައި ދާޚިލީ ވަޒީރަށާއި، ޕޮލިސް ކޮމިޝަނަރަށާއި، އެންމެހާ ޕޮލިސް އޮފިސަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.
24 ނޮވެމްބަރު 2019