30 ސެޕްޓެމްބަރު 2019
އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއަރމަން، ޖެނެރަލް ބިޕިން ރާވަތު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު، ދިފާޢީ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި، ދެ ބޭފުޅުންވަނީ ދިފާޢީ ރޮނގުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އަދި މިގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރުއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ކާނަލް ޢަބްދުލް މަތީން އަޙްމަދުގެ އިތުރުން ދެޤައުމުގެ ޑިފެންސް އެޓާޗޭއިންވަނީ ބައިވެރިވެވަޑައިގެންފައެވެ.