އެކުވެރި އަރަބި އިމާރާތަށްކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ ފުރައިވަޑައިގެންފި

އެކުވެރި ޢަރަބި އިމާރާތުގެ ނައިބް ރައީސް، ހިސް ހައިނަސް ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމްގެ ޙާއްސަ ދަޢުވަތަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ފުރާވަޑައިގެންފިއެވެ.  

 

އެކަމަނާގެ މިދަތުރުފުޅުގައި މިމަހުގެ 16 އިން 21 އަށް އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.  

 

މިދަތުރުފުޅުގައި، މިމަހުގެ 16 ވަނަ ދުވަހު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ. އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސްއަކީ 32 ޤައުމެއްގެ، އެކި ދާއިރާތަކުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.

 

މީގެ އިތުރުން، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި، ދިފާޢީ ދާއިރާތަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ އެންމެ ފަހުގެ ވަޞީލަތްތަކާއި އާލާތްތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. މިކޮންފަރެންސް އަދި އެގްޒިބިޝަންގެ ސަބަބުން އެހެން ޤައުމުތަކުގެ އަސްކަރިއްޔާތަކާއި، ދިފާޢީ ދާއިރާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުވެ، ޚިޔާލުުބަދަލުކުރެވި މަޝްވަރާކުރުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.

 

މިނިސްޓަރގެ މިދަތުރުފުޅުގައި، ދިވެހި ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އެކަމަނާކުރައްވާ މަސައްކަތްޕުޅުގައި، އެކުވެރި ޢަރަބި އިމާރާތުގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާއި ދާއިރާތަށް ބެއްލެވުމަށްޓަކައި ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.

 

ޑިފެންސް މިނިސްޓަރގެ މިދަތުރުފުޅުގައި، އެމް.އެން.ޑީ.އެފް މާލޭ އޭރިޔާގެ ކޮމާންޑަރ ކާނަލް ޢަބްދުއް ރައޫފާއި، މިނިސްޓަރގެ ޕްރިންސިޕަލް ސްޓާފް އޮފިސަރ ކާނަލް ޢަބްދުލްމަތީން އަޙްމަދާއި، ސާރޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވައެވެ.