ސެނަހިޔައިގެ އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯރޑް ޑިފެންސް މިނިސްޓަރ ހުޅުވައިދެއްވައިފި

އެމްއެންޑީއެފްގެ ސެނަހިޔައިގެ އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯރޑް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ހުޅުވައިދެއްވައިފިއެވެ.

ސެނަހިޔައިގައި މިއަދު މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން ޖެނެރަލް ވާރޑް ހުޅުވައިދެއްވުމަށްފަހު ސެނަހިޔައިގެ ޚިތާނީ ކޭމެޕުގައި މިއަދު ހިތާނުކުރުމަށް ހަމަޖެހިފައިވާ ކުދިންނަށް ޒިޔާރަތްކުރައްވާ އެކުދިންގެ ބެލެނެވެރިންނާއި ޑިފެންސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.

ސެނަހިޔައިގެ އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވާރޑް ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ސެނަހިޔަ އިން މިއަދު ހިދުމަތްފެށި އޮޕަރޭޝަން ތިއޭޓަރުގެ ހިދުމަތާ, ވާރޑުގައި މީހުން އެޑްމިޓް ކުރުމުގެ ހިދުމަތް ފަހިކުރުމުގައި ހަރަކާތްތެރިވެފައިވާ ހުރިހާ ފަރާތަކަށް ވަނީ ޝުކުރުދަންނަވާފައެވެ. އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން، 2012 ވަނަ އަހަރުން ފެށިގެން ސެނަހިޔަ ހޮސްޕިޓަލް ހުޅުވިގެން ހިދުމަތް ދެމުން އައި ހަމަ އެކަނި ޔުނިފޯރމް އެޅުއްވި ބޭފުޅުންނާ އެބޭފުޅުންގެ އާއިލާތަކަށް ކަމަށާއި ނަމަވެސް މިއަދު މި ހިދުމަތުގެ ތެރެއިން ހިތާނު ކުރުމުގެ ހިދުމަތް އާންމުންނަށް ހުޅުވާލައި މިކަމަށް މަގުފަހި ކޮށްދީފައިވާތީ އެކަން ހިންހަމަޖެހުމާއި އެކު ފާހަގަކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއަންނަ މަހު ސެނަހިޔަ އަށް ހޮސްޕިޓަލްގެ ދަރަޖަ ލިބިގެން ދާނެ ކަމަށާއި އެކަމަކީވެސް ވަރަށް އުފާވެރި ޚަަބަރެއް ކަމުގައި ޑިފެންސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޖެނެރަލް ހުރިހާ އޮޕަރޭޝަނެއް ކުރެވޭ ސެނަހިޔައިގެ އޮޕަރޭޝަން ތިއޭޓަރ ހުޅުވުމާއެކު އެ އޮޕަރޭޝަން ތިއޭޓަރުގައި އެންމެ ފުރަތަމަ ކުރެވޭނެ އޮޕަރޭޝަންގެ ގޮތުގައި ސެނަހިޔައިގެ ޚިތާނީ ކޭމްޕް ފެށުމުގެ ގޮތުން ސިފައިންގެ އާއިލާގެ ދަރިން ވަނީ މިއަދު ޚިތާނު ކުރުމަށް ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ދުވަހަކު ވެސް ފަސް ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވާއިރު މި ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވަނީ ސެނަހިޔަ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރ ފަސްޓް ލެފްޓިނަންޓް ޑރ. މައުމޫން އާސިމް އެވެ.

މިއަދު ހުޅުވި ޖެނެރަލް ވާރޑް ގައި 10 ބެޑު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު އައިސީޔޫގެ ހިދުމަތަށް ދެ ބެޑު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ސެނަހިޔައިގެ ހިދުމަތް އާސަންދަ އާއި އެކު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ސެނަހިޔަ ހޮސްޕިޓަލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާ ސެނަހިޔައިން މިހާރު ދެމުންގެންދާ ހިދުމަތްތައް ބައްލަވާލައްވާފައެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރީގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ސެނަހިޔައިގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް އަބްދުއްލަޠީފްގެ އިތުރުން އެހެނިހެން ރޭންކްތަކުގެ ސިފައިން ވަނީ ބައިވެރިވެފައެވެ.