އިސްކަންދަރު ވައިގެ ބަނދަރުގައި ކުރިއަށް ގެންދެވުނު އެއަރޕޯޓް އިމަޖެންސީ އެކްސަސައިޒް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި

ކައްދޫ އެއަރޕޯޓުގައި އެމަޖެންސީ އެކްސަސައިޒެއް ނުބާއްވާތާ 21 އަހަރަށްފަހު، ކައްދޫ އެއަރޕޯޓުގެ ނަން އިސްކަންދަރު ވައިގެ ބަނދަރަށް ބަދަލުކުރުމަށްފަހު، ކައްދޫ އެއަރޕޯޓްސް ކޮމްޕެނީން ފުރަތަމަ ފަހަރަށް ބޭއްވި އެއަރޕޯޓް އިމަޖެންސީ އެކްސަސައިޒް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ބައްލަވާލައްވައިފިއެވެ.

 

މިއެކްސަސައިޒާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ، ވައިގެ ދަތުރު ފަތުރުތަކަކީ އެކަމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ބަލަހައްޓަންޖެހޭ ކަމެއްކަމަށާއި، ޚާއްޞަ ގޮތެއްގައި އެއަރޕޯޓުގައި ހިނގާފާނެ ނުރައްކާތެރި ހާދިސާއެއްގައި އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ތައްޔާރުވެފައިވަނީ ކިހާވަރަކަށްތޯ ބެލުމަކީ މުހިންމުކަމެއްކަމަށެވެ.

 

 

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، ޚާއްޞަކޮށް ވައިގެ ބަނދަރުތަކާއި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެކަން ފާހަގަކުރެއްވިއެވެ.

 

މިއެކްސަސައިޒްގައި ސިފައިންނާއި ފުލުހުންނާއި އިސްކަންދަރު ވައިގެ ބަނދަރުގެ މުވައްޒަފުންނާއި ގަން ރީޖަނަލް ހޮސްޕިޓަލްއިން އަދި ކަމާގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.

 

28 އެޕްރީލް 2018