ކަރަޕްޝަންގެ މައްސަލަތައް މަދުކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށްގެން – މިނިސްޓަރ

ކަރަޕްޝަންގެ މައްސަލަތައް މަދުކުރެވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެންކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިންނާ މުޚާޠަބުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ކަރަޕްޝަންއަކީ، މިޤައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އިޖްތިމާޢީ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ހުއްޓުވޭނީ ކޮންމެ މީހަކުވެސް ތިމާގެ ނަފުސު އެކަމުން ދުރުކޮށް ޢާންމުން އެކަމަށް ހޭލުންތެރިކުރުވައިގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ދަސްވެނިންނަށް އިލްތިމާސްކުރެއްވީ ނަޒާހާތްތެރިބަޔަކަށް ވުމަށާއި، ކަރަޕްޝަން މަދުކުރުމަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް މަސައްކަތް ކޮށްދެއްވުމަށެވެ.