ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިރެކްޓަރާ ޑިފެންސް މިނިސްޓަރ ބައްދަލުކުރައްވައިފި

 ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސްގެ  އޭޝިއާ އެންޑް ޕެސިފިކް ޑިރެކްޓަރ މިސް ޕައުލާ ޕަމްޕަލޯނީއާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ބައްދަލުކުރައްވައިފިއެވެ.

 

މި ބައްދަލުވުމުގައި ޓެރަރިޒަމާއި ޙައްދު ފަހަނައަޅާދިއުމާ ދެކޮޅަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ހިނގާގޮތާއި، މިފަދަ ކަންކަމާގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

 

މި ބައްދަލުވުމުގައި ޓެރަރިޒަމާއި ޙައްދުފަހަނަ އަޅާދިއުމާ ގުޅޭގޮތުން ކަމާބެހޭ ބައިނަލްއަޤްވާމީ އިދާރާތަކާއެކު މަޝްވަރާތައް ބޭއްވުމުގެ މުހިންމުކަމާއި ބެހޭގޮތުން  މަޝްވަރާކުރެވުނެވެ. ޓެރަރިޒަމާއި ޙައްދުފަހަނައަޅުމާއި ދެކޮޅަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ޙިއްސާކުރެވުނު މިބައްދަލުވުމަކީ ވަރަށް ހިތްވަރުލިބިގެންދިޔަ ކާމިޔާބު ބައްދަލުވުމެކެވެ.

 

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވުނު މިބައްދަލުވުމުގައި  ޑިފެންސް މިނިސްޓަރުގެ އަރިހުގައި، ޑިފެންސް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް މުޙައްމަދު ޒުހައިރުއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެވަޑައިގެންނެވިއެވެ.

 

15 ޖަނަވަރީ 2018