ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބައްލަވާލެއްވުމަށް ދިފާޢީ ވަޒީރު ހުޅުލެއަށް ޒިޔާރަތްކުރައްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު މިއަދު އެ އެއަރޕޯޓަށް ޒިޔާރަތްކުރައްވައިފިއެވެ.

 

އެމަނިކުފާނުގެ މިޒިޔާރަތަކީ އެއަރޕޯޓުގެ ސަލާމަތީކަން ހަރުދަނާކުރެއްވުމަށް މީގެކުރިން ކުރައްވާފައިވާ ޒިޔާރަތްތަކުގައި ނިންމަވާފައިވާ ނިންމެވުންތައް ތަންފީޒުވަމުންދާ މިންވަރާއި، އިތުރަށް ރަގަޅުކުރަންޖެހޭ ކަންތައްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތަށްފަހު ޕަބްލިކް ސާރވިސް މީޑިއާއިން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެއަރޕޯޓުގެ ސަލާމަތީކަންކަން ވަރުގަދަކޮށް ސިފައިން އެއަރޕޯޓުގައި ހަރަކާތްތެރިވާންފެށުމުން ފަތުރުވެރިން ދިނީ ވަރަށް "ފަހި" އިޖާބައެއް ކަމަށާއި، ސިފައިން އެއަރޕޯޓުގައި އެގޮތަށް ހަރަކާތްތެރިވުމުން ފަތުރުވެރިންނާއި އެއަރޕޯޓުން ފުރާ މީހުންނަށް ރާއްޖޭގެ އެއަރޕޯޓުގެ ސަލާމަތީ ކަންކަމާމެދުު އިތުރު ޔަޤީންކަމެއް ލިބިގެންދިޔަ ކަމަށެވެ.

 

އަދި އެއަރޕޯޓުގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ބައެއް އެއަރލައިންތަކުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ސަލާމަތީގޮތުން އެޅުއްވި އިތުރު ފިޔަވަޅުތަކުގެ ސަބަބުން އެއަރލައިންތަކުން ދަތުރުކުރާ ޕަސިންޖަރުންނަށް ލުއިފަސޭހަތަކެއް ލިބިގެން ދިޔަކަންވެސް ދިފާޢީ ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ރަގަޅު ކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 2017 ނޮވެންބަރު 11 ވަނަ ދުވަހުން ފެށިގެން ބްރިޓިޝް އެއަރވޭސް އިން އިލެކްޓްރޯނިކް އައިޓަމްތައް ހޭންޑް ލަގޭޖްގައި ގެންދިއުން މަނާކޮށްފައި އޮތް  އޮތުން ނިމުމަކަށް ގެންނަވައި، އެފަދަ ތަކެތި ހޭންޑް ލަގޭޖްގައި ގެންދެވޭނެގޮތް ހަމަޖެއްސެވިއެވެ.

ދުނިޔޭގެ ބައެއް އެއަރޕޯޓުތަކަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ އެއަރޕޯޓުގެ ސެކިއުރިޓީވެސް ވަރުގަދަ ކުރަންޖެހޭ ކަމަށް ދިފާޢީ ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ހުޅުލެއާ މާލެ ގުޅުވައިދޭ ބުރިޖާއި އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ނިމުމުން ހުޅުލެއަށް އަންނަ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި ބުރިޖު ހުރަސްކޮށް ހުޅުލެއަށް އަންނަ މީހުންގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

 

ދިފާޢީ ވަޒީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި މިޒިޔާރަތުގައި އެއަރޕޯޓުގެ އެކި ސަރަޙައްދުތަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެތަންތަނުގައި މަސައްކަތްތައް ހިނގަމުންދާ ގޮތްތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.