ދިވެހިރާއްޖެއިން ބްރިޓިޝް އެއަރވޭސްގައި އިނގިރޭސިވިލާތައް ދަތުރުކުރާ ފަސިންޖަރުންނަށް ކެބިން ބެގޭޖުގައި އިލެކްޓްރޯނިކް ސާމާނު ގެންދެވޭގޮތަށް ހަމަޖެހިއްޖެ

ދިވެހިރާއްޖެއިން ބްރިޓިޝް އެއަރވޭސްގައި އިނގިރޭސިވިލާތައް ދަތުރުކުރާ ފަސިންޖަރުންނަށް ކެބިން ބެގޭޖުގައި އިލެކްޓްރޯނިކް ސާމާނު ގެންދެވޭގޮތަށް ހަމަޖެހިއްޖެއެވެ.

މީގެ ކުރިން ދިވެހިރާއްޖެއިން އިގިރޭސިވިލާތައް ބްރިޓިޝް އެއަރވޭސްގައި ދަތުރުކުރާ ފަސިންޖަރުންނަށް ކެބިން ބެގޭޖުގައި އިލެކްޓްރޯނިކް ސާމާނު ނުގެންދެވޭގޮތައް އޮތް އޮތުން، އެ އެއަރލައިނުން އިއްޔެ ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި އެކަން ދިވެހި ސަރުކާރަށާއި އެ އެއަރލައިންގެ ހުރިހާ ދާއިރާތަކަކަށް ވަނީ އަންގާފައެވެ.

މި ގޮތައް މިކަން ހަމަޖެއްސުމުގައި އެ އެއަރލައިން އަށް އެހީތެރިވެދިން އެންމެ މުހިއްމު ކަމެއްކަމުގައި އެ އެއަރލައިނުން ބަޔާންކޮށްފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ރައްކާތެރިކަން ހަރުދަނާކުރުމަށްޓަކައި އެއަރލައިނުން ހުށަހެޅި ހިޔާލުތަކަށާއި ދިން މަޝްވަރާތަކަށް ދިވެހި ސަރުކާރުން ދެއްވި އަހައްމިއްޔަތުގެ ބޮޑުކަމާ، އެވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން މި ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތައްޔާރުވެފައިވާ މިންވަރެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުގައި އެކްސްޕޮލޯސިވް ޓްރޭސް ޑިޓެކްޓަރސް ބޭނުން ކުރުމަށް ނިންމަވާ އެ މަސައްކަތް ފެށްޓެވި ފެއްޓެވުމަކީ އެއަރޕޯރޓްގެ ރައްކާތެރިކަމަށްޓަކާ އެޅުނު މުހިއްމު ފިޔަވަޅެއްކަމަށާ އެކަމުގެ ސަބަބުން   އެއަރޕޯރޓްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ވެގެން ދިޔަކަމަށް އެ އަރލައިނުން ދެކޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި މިކަންކަމުގައި މޯލްޑިވްސް އެއަރޕޯރޓްސް ކޮންޕެނީ ލިމިޓެޑުން ދެއްވާ އަހައްމިއްޔަތާ އެއްބާރުލުންވެސް އެ އަރލައިނުން ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ ސެކިޔުރިޓީ ވެށްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިވެހި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާ އެކަން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިޔުރީޓީ އަލްފާޞިލް އާދަމް ޝަރީފް އުމަރު ޢިއުލާން ކުރެއްވީ މި ނިމިގެން ދިޔަ މަހުގެ ތެރޭގައެވެ.