ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ ފުރާވަޑައިގަންނަވަނީ

މި މަހުގެ 26 ވާ އާދީއްތަ ދުވަހު ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޑިފެންސް މިނިސްޓަރސް އޮފް ދަ އިސްލާމިކް ކޯލިޝަން ފޮރ ކޮމްބެޓިންގ ޓެރަރިޒަމް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު 2017 ނޮވެންބަރު 24 ގައި ރާއްޖެއިން ފުރާވަޑައިގަންވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރގެ އަރިހުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑައިރެކްޓަރ ޖެނެރަލް އޮފް ކައުންޓަރ ޓެރަރިޒަމް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް، ކާނަލް ޢަބްދުލްމަތީން އަޙްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިބައްދަލުވުމުގައި ޓެރަރިޒަމަށް މަގުފަހިވާ ޢަމަލުތަކާބެހޭގޮތުން އިސްލާމީ ކޯލިޝަންގެ އިސްވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި ޓެރަރިޒަމްގެ ޢަމަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޢަމަލުކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅަށްފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2017 ނޮވެންބަރު 28 ވަނަ ދުވަހުއެވެ.