ކެނެޑާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ޑިފެންސް މިނިސްޓަރުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ކެނެޑާއިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ޑޭވިޑް މެކިނަން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރުގެ އަރިހަށް މިއަދު އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ކެނެޑާގެ ސަފީރު، ޑިފެންސް މިނިސްޓަރުގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމްގެ ޒިޔާރަތަކީ، ކެނެޑާ ސަފީރުގެ ހައިސިއްޔަތުން ޑިފެންސް މިނިސްޓަރަށް ތަޢާރަފުވެވަޑައިގެންނެވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ.

މިއަދު މެންދުރު ބަންޑާރަކޮށީގައި ދެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައި، އާ ސަފީރަށް ޑިފެންސް މިނިސްޓަރ ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަލްފާޟިލް މުޙައްމަދު ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.