ޑިފެންސް މިނިސްޓަރ ދިވެހި އަސްކަރިއްޔާ އާ ބައްދަލުކުރައްވައިފި

ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ދިވެހި އަސްކަރިއްޔާ އާ ރޭ ބައްދަލުކުރައްވައިފިއެވެ.

ސިލްސިލާކޮށް ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ސިފައިންނާ ބައްދަލުކުރައްވާ ޕްރޮގްރާމްގެ ތެރެއިން، ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ސިފައިންނާ މުޚާތަބު ކުރައްވައި މުހިންމު ވާހަކަފުޅުތަކެއް ޙިއްސާކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިއަދު ދިވެހި އަސްކަރިއްޔާ ހިންގަމުން މިދަނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި، ވަރަށް މުސްތަޤިއްލު ކަމާއެކުގައި ކަމަށާއި އަދި އަސްކަރިއްޔާ ހިންގުމަށް ގެންނަންޖެހޭ ބިނާކުރަނިވި، އިޞްލާޙީ ބަދަލުތައް ގެންނަވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބު އޮންނާނެކަން ފާހަގަކުރައްވަމުން، ޤައުމުގެ ސިޔާސީ ހަލަބޮލިކަން އިތުރުވާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެނބުރެމުންދާ ސިޔާސީ އޮއިވަރު މިހާރަށްވުރެ ވެސް ކުރިއަށް އޮތްތަނުގައި ބާރުވުމަކީ އެކަށީގެންވާކަމެއް ކަމަށާއި، އެކަމުގެ އޮއިވަރުގައި ސިފައިންގެ ބޭފުޅަކު ބެހިގެން ގޮސްގެން ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުކޮށް، ޤާނޫނުގެ އިމުން ބޭރުން ކަންތައްތައް ކުރުމަށް ނާންގަވާނެ ކަމަށާއި ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ  އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިފައިން ލައްވާ ނުކުރުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރޭގެ ބައްދަލުވުމުގައި ސިފައިންނަށް ވަނީ ދެއްވާފައިވެއެވެ.