ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ސެކިއުރިޓީގެ ކަންކަން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ބައްލަވާލައްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުންދާގޮތް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު މިއަދު ބައްލަވާލައްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓަކީ ދިވެހި ރާއްޖެއާއި ބޭރު ދުނިޔެއާއި ގުޅުވައިދޭ މައި ދޮރާށި ކަމަށްވުމާއެކު، ރާއްޖެއިން ބޭރަށް ފުރާމީހުންނާއި ރާއްޖެއަށް އަންނަ މީހުންނާއި އަދި މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމަގޮތުގައި އެޅިފައިވޭތޯއާއި، ޢަމަލީގޮތުން އެކަންކަން ކުރެވެމުންދާގޮތް ޑިފެންސް މިނިސްޓަރ ބައްލަވާ ލެއްވިއެވެ. އެގޮތުން ފަތުރުވެރީންނާއި އެއަރޕޯރޓްގައި މަސައްކަތްކުރާ މުވައްޒަފުން ސްކްރީން ކުރެވެމުންދާގޮތާއި ދަތުރުވެރީންގެ ލަގޭޖް އާއި އެމީހުން ގެންގުޅޭ އެކިކަހަލަ އިލެކްޓްރޯނިކްސް ގެޖެޓްސްތައް ބަލާ ފާސްކުރާގޮތް ވެސް ޑިފެންސް މިނިސްޓަރ ބައްލަވާލެއްވިއެވެ. މީގެ އިތުރުން ގާޑްޕޯސްޓްތަކާއި ޗެކް ޕޮއިންޓްތަކާއި ވައިގެމަގުން ރާއްޖެއަށް އެތެރެ ކުރެވޭ އަދި ބޭރު ކުރެވޭ މުދާ ސްކްރީން ކުރެވެމުންދާގޮތް ވެސް ޑިފެންސް މިނިސްޓަރ ވަނީ ބައްލަވާ ލައްވާފައެވެ.

އެއަރޕޯރޓްގެ ސެކިއުރިޓީ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާނެކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.