މިހާރު ރާއްޖެއައިސް އުޅޭ ޗައިނާ ނޭވީގެ ތިން މަނަވަރުގެ ކޮމާންޑަރ، ޑިފެންސް މިނިސްޓަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރަހުމަތްތެރިކަމުގެ ދަތުރެއްގައި މިހާރު ރާއްޖެ އައިސްއުޅޭ ޗައިނާގެ ޕީޕަލްސް ލިބަރޭޝަން ނޭވީގެ ތިން މަނަވަރުގެ ކޮމާންޑަރ، ރެއާ އެޑްމިރަލް ޝެން ހާއޯ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ

.

މިއަދު މެންދުރު ޑިފެންސް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހި އަސްކަރިއްޔާ އާއި ޗައިނާގެ އަސްކަރިއްޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޗައިނާ އަސްކަރިއްޔާގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

 

މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ޑިފެންސް މިނިސްޓަރުގެ އަރިހުގައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރެއާ އެޑްމިރަލް ޝެން ހާއޯގެ އަރިހުގައި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާސަފީރު، މިސްޓަރު ޒަންގް ލިޒޯންގް، ބައިވެރިވެވަޑައިގެންފައިވެއެވެ.