އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑިފެންސް މިނިސްޓަރުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒްއެކްސަލެންސީ މރ. އަތުލް ކޭޝަޕް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

 

ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުމުގެ ކަންކަމުގައި ދެ ޤައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވެވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

 

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރު  ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށް ޑިފެންސް މިނިސްޓަރު ފާހަގަކުރެއްވެވިއެވެ.