ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ އެމެރިކާގެ ހަވާއީއަށް ފުރާވަޑައިގަންނަވައިފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ހަވާއީއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

 

ޑިފެންސް މިނިސްޓަރ ހަވާއީއަށް ކުރައްވާ މިދަތުރުފުޅަކީ ޤައުމުތަކުގެ ޑިފެންސް މިނިސްޓަރުންނާއި އަދި އެފެންވަރުގެ ބޭފުޅުންނަށް އަމާޒުކޮށްގެން އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒްގައި މިމަހުގެ 21 އިން 26 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޓްރާންސްނޭޝަނަލް ސެކިއުރިޓީ ކޯޕަރޭޝަން" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

 

އެމެރިކާގެ ހަވާއީއަށް ފުރާވަޑައިގެންނެވުމަށް ޑިފެންސް މިނިސްޓަރ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަލްވަދާޢު ދެންނެވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އެވެ.